އެއްކުރެއްވުމުގެ ދުވަހަށް، އެކަލާނގެ ތިޔަބައިމީހުން އެއްކުރައްވާ ދުވަސް (ހަނދުމަކުރާށެވެ!) އެއީ تغابن ގެ ދުވަހެވެ. (އެބަހީ: قيامة ދުވަހެވެ.) اللَّه އަށް إيمان ވެ، صالح عمل ކުރާ މީހާޔަށް އޭނާގެ ކުށްތައް އެކަލާނގެ އޭނާގެ ކިބައިން ފުއްސަވާނެތެވެ. އަދި އެތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް އެކަލާނގެ އޭނާ ވައްދަވާނެތެވެ. އެތާނގައި، އަބަދަށް ދެމިތިބެނިވި ގޮތުގައެވެ. ބޮޑުވެގެންވާ نصيب ލިބުމަކީ އެއީއެވެ.