އަދި ތިޔަބައިމީހުންގެ އަނބިންކުރެ މީހަކު، ތިޔަބައިމީހުން ދޫކޮށް كافر ންގެ ގާތަށް ހިނގައްޖެނަމަ، ދެން ތިޔަބައިމީހުން ހަނގުރާމަކޮށް (غنيمة ގެ މުދާ ލިބުމުން) ފަހެ، އެއުރެންގެ ކިބައިން، އެއުރެންގެ އަނބިން ގޮސްފައިވާ މީހުންނަށް، އެއުރެން ރަނުގެ ގޮތުގައި ހޭދަކުރިފަދަ އެއްޗެއް ތިޔަބައިމީހުން (އެ غنيمة އިން) ދޭށެވެ! އަދި ތިޔަބައިމީހުން އެކަލާނގެއަށް إيمان ވެގެންވާ (ކަލާނގެ ކަމުގައިވާ) اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ!