ފަހެ، عاد ބާގައިމީހުން ދަންނާށެވެ! އެއުރެން حق އަކާ ނުލައި ބިމުގައި ބޮޑާވެގަތޫއެވެ. އަދި އެއުރެން ބުނޫއެވެ. ތިމަންމެންނަށްވުރެ ބާރުގަދައީ ކާކުހެއްޔެވެ؟ އެއުރެން ހެއްދެވި اللَّه، އެއުރެންނަށްވުރެ ބާރުގަދަކަން އެއުރެންނަށް ނޭނގެނީހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ آية ތަކަށް ދެކޮޅުހަދާ ބަޔަކުކަމުގައި އެއުރެންވޫއެވެ.